”ވާދޫ ގްރީން ފަރމް“ ހުޅުވުމާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ރިޕޯޓުގައި ރ. ވާދޫގެ އެއްވެސް މަންޒަރެއް ނެތުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ކޮންމެ އަހަރަކު ދައުލަތުން ބޮޑު ބަޖެޓެއް ދީގެން، ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ޕަބްލިކް ސަރވިސް މީޑިއާގެ ”ޕީއެސްއެމް ނިއުސް“ ޗެނަލްއިން ”ވާދޫ ގްރީން ފާމް“ ހުޅުވި ޚަބަރު ގެނެސްދިން ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ، އެ ރިޕޯޓުގައި މިރަށުގެ މަންޒަރުތައް ދެއްކުމުގެ ބަދަލުގައި އެހެން ރަށެއްގެ މަންޒަރުތަކެއް ދައްކާފައި ވާތީއެވެ.
އޭރިއަލް ވީޑިއޯތަކާއި ދަނޑުވެރިކަން ކުރާ މަންޒުތައް ފެންނަ ގިނަ ވީޑިއޯ ކްލިޕްތަކާ އެކު ތައްޔާރުކޮށްފައިވާ ދެ މިނިޓުގެ ވީޑިއޯ ރިޕޯޓުގައި ރ. ވާދޫގެ އެއްވެސް ވީޑިއޯ ކްލިޕެއް ނުދައްކައެވެ.
ވާދޫ ގްރީން ފަރމަކީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް، ޔޫއެންޑީޕީ އަދި ވާދޫ އެސޯސިއޭޝަން ފޮރ ފިއުޗަރ ޑިވެލޮޕްމެންޓުން ގުޅިގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
ވާދޫ ގްރީން ފަރމަކީ ސީދާ އިއާދަކުރަނިވި ހަކަތައިން ހިންގާ ވިޔަފާރި ފައިދާލިބޭ މިންވަރުގެ ހައިޑްރޮޕޯނިކްސް ދަނޑެކެވެ. މި ދަނޑުގެ ފުރާޅުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގެ އެހީގައި ފެންދިނުމާއި ފިނިކުރުމުގެ ނިޒާމުތައް ހިންގާއިރު، ވާރޭފެން ނަގާ ނިޒާމުތަކާއި ތިމާވެއްޓާ ރައްޓެހި ގްރޯވިންގ އުކުޅުތައް ބޭނުންކުރާނެއެވެ. މި ދަނޑުން 600 ކިލޯ ކިއުކަމްބާ އާއި 400 ކިލޯގެ ފަތުގެ ބާވަތްތައް އުފެއްދުމުގެ ޤާބިލުކަން ލިބިގެންވެއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މި މަޝްރޫޢުގެ ދަށުން މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެގޮތުން ދަނޑުގައި މަސައްކަތްކުޜާ 18 އަންހެން ބޭފުޅުންނަށް ހައިޑްރޮޕޯނިކްސްގެ ތަމްރީން ދީފައިވާއިރު، އިތުރު 25 އަންހެނުންނަށް ސޯލާ ނިޒާމުތައް ބެލެހެއްޓުމުގެ ތަމްރީން ވަނީ ދީފައެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މި ދަނޑުން މަހަކު 80,000 ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.