ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަށް އަމާޒުކޮށްގެން ތަރައްޤީކުރި ”ވާދޫ ގްރީން ފަރމް“ ރަސްމީކޮށް ހުޅުވައިފިއެވެ.
މި ގްރީން ފަރމް ރަސްމީކޮށް ހުޅުވައިދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މަރިޔާއެވެ.
ވާދޫ ގްރީން ފަރމަކީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް، ޔޫއެންޑީޕީ އަދި ވާދޫ އެސޯސިއޭޝަން ފޮރ ފިއުޗަރ ޑިވެލޮޕްމެންޓުން ގުޅިގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
ވާދޫ ގްރީން ފަރމަކީ އިއާދަކުރަނިވި ހަކަތައިން ހިންގާ ވިޔަފާރި ފައިދާލިބޭ މިންވަރުގެ ހައިޑްރޮޕޯނިކްސް ދަނޑެކެވެ. މި ދަނޑުގެ ފުރާޅުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގެ އެހީގައި ފެންދިނުމާއި ފިނިކުރުމުގެ ނިޒާމުތައް ހިންގާއިރު، ވާރޭފެން ނަގާ ނިޒާމުތަކާއި ތިމާވެއްޓާ ރައްޓެހި ގްރޯވިންގ އުކުޅުތައް ބޭނުންކުރާނެއެވެ. މި ދަނޑުން 600 ކިލޯ ކިއުކަމްބާ އާއި 400 ކިލޯގެ ފަތުގެ ބާވަތްތައް އުފެއްދުމުގެ ޤާބިލުކަން ލިބިގެންވެއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މި މަޝްރޫޢުގެ ދަށުން މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެގޮތުން ދަނޑުގައި މަސައްކަތްކުޜާ 18 އަންހެން ބޭފުޅުންނަށް ހައިޑްރޮޕޯނިކްސްގެ ތަމްރީން ދީފައިވާއިރު، އިތުރު 25 އަންހެނުންނަށް ސޯލާ ނިޒާމުތައް ބެލެހެއްޓުމުގެ ތަމްރީން ވަނީ ދީފައެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މި ދަނޑުން މަހަކު 80,000 ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ވާދޫގައި މިހާރު ޖުމްލަ 32.5 ކިލޯވޮޓްގެ ސޯލާ ހަކަތަ ޤާއިމްކުރެވިފައިވާއިރު، މީގެ ސަބަބުން ރަށުގެ ޑީސަލް ބޭނުންކުރުން 32 އިންސައްތަ މަދުކުރެވިފައިވާ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އަހަރަކު 20 ޓަނަށްވުރެ ގިނަ ކާބަން ޑައިއޮކްސައިޑް ބޭރުވުން ކުޑަކުރެވެއެވެ. އަދި މި ނިޒާމުތައް ހިންގުމަށް ރަށުގެ 40 އަށްވުރެ ގިނަ މީހުން ވަނީ ތަމްރީން ކޮށްފައެވެ.